މޯލްޑިވްސް
މީޑިއާ ކައުންސިލަކީ ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޙްޞެކެވެ.
ކައުންސިލުގެ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބުމުގެ ބާރު
ކައުންސިލަށް ލިބިގެންވެއެވެ. އަދި ހަމައެހެންމެ އަމިއްލަ ނަމުގައި މުޢާމަލާތު
ކުރުމުގެ ހައިސިއްޔަތުވެސް ކައުންސިލަށް ލިބިގެންވެއެވެ.
ކައުންސިލުގެ މައިގަނޑު މަސައްކަތް
ކައުންސިލުގެ
މައިނގަޑު މަސައްކަތަކީ މީޑިއާގެ މިނިވަންކަން ޤާނޫނު ތަންދޭ ގޮތުގެމަތިން
ވީހާވެސް ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދެމެހެއްޓުމެވެ. އަދި
ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ޤާއިމްކޮށްދިނުމެވެ. އަދި
ހަމައެހެންމެ މީޑިއާގައި ދިވެހި މުޖުތަމަޢު ޤަބޫލުކުރާ އެންމެމަތީ އަޚްލާޤީ ސުލޫކީ
މިންގަނޑުތަކެއް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ޤާއިމުކޮށް ދެމެހެއްޓުމެވެ.
މީޑިއާ ކައުންސިލުގެ ވިޝަން
ދިވެހިރާއްޖޭގައި މީޑިއާގެ މިނިވަންކަން
ވީހާވެސް ފުޅާދާއިރާއެއްގައި އާލާކުރުމާއެކު ޒިންމާދާރު މީޑިއާއެއް
ޤާއިމުކޮށްދިނުމުގައި އެންމެ އިސްދައުރެއް އަދާކުރާ މުއައްސަސާކަމުގައި ހެދުން.
މީޑިއާ ކައުންސިލުގެ މިޝަން
މީޑިއާއާ ގުޅޭ
ޤާނޫނުތައް ތަންފީޒުކުރުމުގައި ދިވެހި މުޖުތަމައު ބަލައިގަންނަ އެންމެ މަތީ
އަޚްލާޤީ ސުލޫކީ މިންގަނޑުތަކުގައި ހިފަހައްޓާ މީޑިއާއެއް ޤާއިމުކުރުން މައިގަނޑު
އަމާޒަކަށް ހެދުމާއި، މުޖުތަމައުއާއި މީޑިއާގެ
އިތުބާރުހިފޭ މުއައްސަސާއެއް ޤާއިމުކުރުން.
ކައުންސިލުގެ މެންޑޭޓް
·
މީޑިއާގެ މިނިވަންކަން ރާއްޖޭގައި އެކަށައަޅައި ދެމެހެއްޓުން.
·
މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ޢަމަލުކުރަންވީ ހަމަތަކާއި، އެފަރާތްތަކުގެ އަޚްލާޤީ ސުލޫކީ މިންގަނޑުތައް އެކަށައެޅުން.
·
މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ކޯޑު އޮފް
އެތިކްސް އެކުލަވާލުން
·
ކައުންސިލަށް ހުށަހަޅާ ޝަކުވާތައް ބެލުން
· މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ހޯދައިދިނުމާއި، އެފަދަ ޕްރޮގްރާމްތައް ހިންގުން
ކައުންސިލުގެ ރަސްމީ ގަޑި
އޮފީސް ހުޅުވިފައި ހުންނާނީ ރަސްމީ ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:00
ން މެންދުރުފަހު 14:00 އަށެވެ.
ކައުންސިލުގެ މަޤްޞަދުތައް
ކައުންސިލުގެ
މައިގަނޑު މަޤްޞަދުތަކަކީ:-
1.
މީޑިއާގެ މިނިވަންކަން ރާއްޖޭގައި
އެކަށައަޅައި ދެމެހެއްޓުމާއި، އެމިނިވަންކަމަށް އުނިކަން އަންނަ ކަންކަން ބަލައި
ފިޔަވަޅުއެޅުން.
2.
މީޑިއާގައި މަސައްކަތްކުރާ
ފަރާތްތައް ޢަމަލުކުރަންވީ ހަމަތަކާއި، އެފަރާތްތަކުގެ އަޚްލާޤީ ސުލޫކީ
މިންގަނޑުތައް އެކަށައެޅުން.
3.
މީޑިއާގައި މަސައްކަތްކުރާ
ފަރާތްތައް މަސައްކަތްކުރަނީ ޒިންމާދާރު ގޮތެއްގައި އަޚްލާޤީ ސުލޫކީ މިންގަނޑުގެ
ތެރޭގައިކަން ކަށަވަރުކުރުން.
4.
ޤާނޫނުގައި ހިމެނިގެންވާ
އުސޫލުތަކާއި، ޤާނޫނުގެ ދަށުން އެކަށައަޅާ ހަމަތަކާއި، އަޚްލާޤީ މިންގަނޑުތަކާ
ޚިލާފަށް ހިނގާ ކަންތައްތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅުއެޅުން.
ކައުންސިލު އެކުލެވިގެންވާގޮތް
ކައުންސިލު އެކުލެވިގެންވަނީ
މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި ޢާންމުންގެ ތެރެއިން
އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.
ކައުންސިލުގެ މެންބަރުން އިންތިޚާބު ކުރެވެނީ މީޑިއާގެ ކަންތައްތައް ހިންގެވުމަށް
ސަރުކާރުން ހަވާލުކުރައްވާފައިވާ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ
ޖަލްސާއެއްގައި ވޯޓުދީގެންނެވެ. މި ޖަލްސާގައި ވޯޓުދެއްވަނީ ރަޖިސްޓްރީ
ކުރެވިފައިވާ ނޫސްތަކާއި ބްރޯޑްކާސްޓް ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތެއް
ތަމްސީލްކުރާ އެކަކަށެވެ. ކައުންސިލުގެ ފުރަތަމަ އިންތިޚާބު ބޭއްވުނީ 2010
އޭޕްރީލް 28 ވަނަ ދުވަހުއެވެ.
ކައުންސިލުގެ މަސްއޫލިއްޔަތުތައް
1.
ޚިޔާލު ފާޅުކުރުމަށް ޤަނޫނުން ލިބިދޭ
މިނިވަންކަން ދިރުވައި އާލާކުރުމަށާއި އެކަންކަމާގުޅޭ ގޮތުން ޢާންމު
ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.
2.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި
މަޢުލޫމާތު ހޯދާ ބަލައިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ސަރުކާރުންނާއި
މީޑިއާއާއި އެހެނިހެން ފަރާތްތަކުން ކުރާކަންކަން ކަމާބެހޭ އިދާރާތަކަށް
ހުށަހަޅައިގެން ޙައްލުކުރުން.
3.
ޢާންމުކޮށް މަޢުލޫމާތު
ފޯރުކޮށްދިނުމުގެ މިނިވަންކަމަށާއި ރައްޔިތުންނަށް ކަންކަން އެނގުމުގެ
މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ސިޔާސީ، ނުވަތަ ޤާނޫނީ، ނުވަތަ ވިޔަފާރީގެ ނުވަތަ
އިޤްތިޞާދީގޮތުން އެޅޭ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެކަންކަން ދިރާސާކޮށް
ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އެކަންކަން އިސްލާޙުކުރުން.
4.
މީޑިއާގައި ޙަރަކާތްތެރިވާ
ފަރާތްތަކުން ތަބާވާންޖެހޭ ހަމަތަކާއި އަޚުލާޤީ މިންގަނޑުތައް އެކަށައަޅައި
މީޑިއާގެ ފެންވަރު މަތިކޮށް ހިފެހެއްޓުން.
5.
މީޑިއާއިން ޝާއިޢުކުރާ ތަކެއްޗާއި
ފެންނަ މަންޒަރުތަކާއި އިވޭއަޑުތަކާއި މީޑިއާއިން ލިބޭ މަޢުލޫމާތާ ބެހޭގޮތުން
ކައުންސިލަށް ހުށަހަޅާ އެކިއެކި ޝަކުވާތައް، ކައުންސިލަށް ހުށަހެޅުމަށް
ހިތްވަރުދިނުން.
6.
މީޑިއާގައި ޝާއިޢުކުރެވޭ އެކިއެކި
ކަންކަމާ ބެހޭގޮތުން ހުށަހެޅޭ އެކިއެކި ޝަކުވާތައް ބަލައި ފާހަގަކުރެވޭ ނުކުތާތައް
ޢާންމުކޮށް އިޢުލާންކުރުން.
7.
މީޑިއާގައި މަސައްކަތްކުރާ
ފަރާތްތަކަށް ބޭނުންވާ ފަންނީ ހުނަރުވެރިކަން ހޯދުމަށް ޤައުމުން ބޭރުގެ
ފަރާތްތަކާއި އެތެރޭގެ ފަރާތްތަކާ ގުޅައިގެން އެފުރުޞަތު ހޯދައިދިނުން.
ކައުންސިލުގެ ރައީސްގެ މަސްޢޫލިއްޔަތު
ކައުންސިލުގެ ރައީސަކީ، ކައުންސިލުގެ އެންމެހައި ކަންކަން ބަލަހައްޓައި ހިންގުމުގެ އެންމެ އިސްވެރިޔާއެވެ. އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނިގެންވެއެވެ.
· ކައުންސިލުގެ މަސްއޫލިއްޔަތުތައް ކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން، ކައުންސިލުގެ މެންބަރުންނާއި މުވައްޒަފުން މެދުވެރިކޮށް ކުރުވުމާއި، ހިންގުމާއި، އެކަންކަން ބެލެހެއްޓުން.
· ކައުންސިލުގެ މަސައްކަތްތައް ރާވައި ހިންގައި، ކައުންސިލު ގެ މަސައްކަތުގެ މިސްރާބު ކަނޑައެޅުން.
· ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.
· ކައުންސިލުގެ މެންބަރުންނާއި، ކަ އުންސިލުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.
ކައުންސިލުގެ ނާއިބު ރައީސްގެ މަސްޢޫލިއްޔަތު
ކައުންސިލުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެ މަޤާމު ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކައުންސިލުގެ ނައިބުރައީސެވެ. މީގެ އިތުރުން، ކައުންސިލުގެ ރައީސް ކައުންސިލުގެ ނައިބުރައީސާ ޙަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރާންވާނެއެވެ.
ކައުންސިލުގެ މެންބަރުންގެ މަސްޢޫލިއްޔަތު
ކައުންސިލުގެ މެންބަރުންގެ
މަސްއޫލިއްޔަތުތައް ތިރީގައި އެ ވަނީއެވެ.
·
ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވީ، ކައުންސިލުގެ ބައްދަލުވުންތަކަށް
ހާޒިރުވުން.
·
ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވީ، ކައުންސިލުގެ ރައީސް
ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
·
ކަންޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވީ، ކައުންސިލުން ބަލާ ޝަކުވާތަކުގައި
ޒިޔާރަތްކުރަންޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި، ސުވާލު ކުރަންޖެހޭ ފަރާތަތަކާ ސުވާލުކުރުމާއި،
ބަލަންޖެހޭ ލިއުންތައް ބެލުމާއި، ތައްޔާރު ކުރަންޖެހޭ ރިޕޯޓްތަކާއި ދިރާސާތައް ތައްޔާރުކުރުން.
·
ސިއްރުގެ ގޮތުގައި ކައުންސިލުން ކަނޑައަޅާ މަޢުލޫމާތު ސިއްރުގެ ގޮތުގައި ހިފެހެއްޓުން.
·
މުޖްތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލުގެ މެންބަރެއްގެ ހައިސިއްޔަތުން
ހިފަހައްޓަންޖެހޭ އަޚްލާޤީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.
·
ކައުންސިލުގެ ކޮންމެ މެންބަރަކުވެސް އެ ކައުންސިލަށް ޚިދުމަތްކުރަންވާނީ، މިނިވަންކަމާއި،
ޢަދުލުވެރިކަމާއި އިންޞާފުވެރި ކަމާއެކުގައެވެ. އަދި އޭނާއާ ޙަވާލުކުރެވޭ ކަންކަން
ކުރަންވާނީ، ވަކި ފަރާތަކަށް ޖެހުމެއްނެތި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ޤާނޫނުއަސާސީއަށާއި
ޤާނޫނަށް އިޚްލާޞްތެރިކަން އަދާކުރާ ޙާލުގައެވެ.
·
އެއްވެސް މެމްބަރެއްގެ އަމިއްލަ މަސްލަޙަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް
ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއް، ކައުންސިލުން ބަލާ ހިނދުގައި، އެ
މައްސަލައެއް ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު
ބައިވެރިވެގެން ނުވާނެއެވެ. އަދި ކައުންސިލުން ބަލާ މައްސަލައަކީ، އެފަދަ މަސްލަޙަތެއް
ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއްކަން
ކުރިން އެނގިފައި ނެތްނަމަވެސް އެކަން އެނގޭހިނދު، އެ މައްސަލައަކީ ބުނެވި ދިޔަ ގޮތަށް
އެ މެންބަރަކާ ގުޅުމެއްއޮތް މައްސަލައެއްކަން ކައުންސިލުގެ ރައީސަށް އެން ގުމާއެކު،
އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް
ނިންމުން އެ މެމްބަރަކު އެއްކިބާވާންވާނެއެވެ.
ކައުންސިލުން ހިފަހައްޓާނެ ހަމަތައް
1.
މީޑިއާގެ މިނިވަންކަމަކީ
ރައްޔިތުންނަށް ކަންކަން އެނގުމަށް ލިބިގެންވާ ޙައްޤަށްވުރެ މާމަތީ ޒިންމާތަކަކާއި
މަސްޢޫލިއްޔަތުތަކެއް އެކުލެވިގެންވާކަމެއްކަން ޤަބޫލުކުރުމާއި، މީޑިއާގައި
މަސައްކަތްކުރާ ފަރާތްތަކުގެ ޒިންމާއަކީ ރައްޔިތުންނަށް ވާންޖެހޭ ޒިންމާއެއްކަން
ޤަބޫލުކުރުން.
2.
މީޑިއާ މެދުވެރިކޮށް އެކިއެކި
ކަންކަން ޝާއިޢުކުރުމަށް ލިބިދޭ މިނިވަންކަމަކީ ރައްޔިތުންނަށް ކަންކަން އެނގުމަށް
އޮތް ޙައްޤާއި އެއްފަދަ މިނިވަންކަމެއްކަމަށް ޤަބޫލުކުރުމާއި، މިނިވަން ދިމިޤްރާތީ
މުޖުތަމަޢުއެއްގައި މީޑިއާއަށް ލިބެންވާ މަޤާމްގެ އަސާސަކީ މިއީކަމުގައި ބެލުމާއި،
ޚަބަރެއްކަމުގައި ބެލެވޭ އެކަށީގެންވާ މަޢުލޫމާތު މީޑިއާގައި ޝާއިޢުކުރުމަށް
ލިބިދޭ ޙައްޤާއި ވަކި ފަރާތަކަށް ޖެހުމެއްނެތި، ނުވަތަ ވަކި ފަރާތަކަށް
ބުރަވުމެއްނެތި، ނުވަތަ ވަކިފަރާތެއްގެ ނުފޫޒެއްނެތި، އެފަދަ މަޢުލޫމާތު
ޝާއިޢުކުރުމަށް ލިބިދޭ ފުރުޞަތުވެސް، އެމިނިވަންކަމުގައި ހިމެނިގެންވާކަން
ޤަބޫލުކުރުން.
ބަލައި ތަޙްޤީޤު ކުރުމުގެ ބާރު
މީޑިއާގެ
ވަޞީލަތެއްގައި ޝާއިޢުކުރި އެއްޗަކާގުޅިގެން ވަކި ފަރާތެއްގެ ނުވަތަ ބައެއްގެ
ޙައްޤަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ބުނެ، ނުވަތަ ޙައްޤަކަށް އުނިކަމެއް
ކަނޑައެޅިގެން އުނިކަމެއް ލިބިދާނެ ކަމަށް ބުނެ، ވަކިފަރާތަކުން ނުވަތަ ބަޔަކު
ނުވަތަ ފަރާތެއްގެ، ނުވަތަ ބައެއްގެ ފަރާތުން ޝަކުވާއެއް ހުށަހެޅުމުން، އެކަމެއް
ބެލުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.
ޝަކުވާ ހުށަހަޅާ ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތް
ޝަކުވާހުށަޅާ ފޯމް މިކައުންސިލްގެ
ވެބްސައިޓް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭ ގޮތަށާއި ކައުންސިލަށް ޒިޔާރަތްކޮށް
ފްރަންޓް އޮފީހުގައި ދެންނެވުމުން ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އޮފީހަށް
ޒިޔާރާތްކޮށް ޝަކުވާ ހުށަހަޅަން ބޭނުންނަމަ، ޝަކުވާ ހުށަހަޅާ ފޯމް ބަލައިގަންނާނީ
ހަމައެކަނި ރަސްމީ ގަޑީގައެވެ. ނަމަވެސް، ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް،
ފޯމް ފުރުމަށްފަހު ކޮންމެ ވަގުތަކުވެސް އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެއެވެ.